ރ.އުނގޫފާރުގައި މިދިޔަ ބުރާސްފަތި ދުވަހު ކަރަންޓުގައި ޖެހުނު ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

އެ ރަށު ކުޑަކުދިން ޕާކް ކައިރީ މަގުމަތީގައި ހެދިފައި އޮތް ފެންގަނޑުގައި ކުޅެން އުޅުނު ދެ ކުއްޖަކު ކަރަންޓުގައި ޖެހި، އެ ކުދިން ސަލާމަތް ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި ހާލު ސީރިއަސްވެފައި ވަނީ އުމުރުން 18 އަހަރުގެ ޒުވާނެކެވެ.

އޭނާ އިތުރު ފަރުވާ އަށް ސީ އެމްބިއުލާންސްގައި ވަނީ މާލެ ގެނެސްފައެވެ.

މާލެ ގެނައުމާއި ހަމައަށް އޭނާއަށް ފަރުވާ ދިނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

އެ ހާދިސާގައި ކަރަންޓުގައި ޖެހުނު އަނެއް ދެ ކުދިންނަކީ 12 އަހަރުގެ އަންހެން ކުއްޖަކާއި 8 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ދެ ކުދިންނަށް ވެސް އުނގޫފާރު ހޮސްޕިޓަލްގައި ފަރުވާ ދީފައިވެއެވެ.

އެކުދިންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.