ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބާއްވާ ފެއާ ”އައިޓީބީ ޗައިނާ“ މިއަދު ފަށައިފިއެވެ.
ޝަންހާއީގެ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައި ފެށި ”އައިޓީބީ ޗައިނާ“ގެ އޮފިޝަލް ޕާޓްނަރަކީ ރާއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްދާ މި ފެއާގައި ރާއްޖޭގެ ސަގާފަތާއި ކެއުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު މި ފެއާގައި ބައިވެރިވާނެއެވެ.
މި ފެއާގައި ރާއްޖެ އިން 100 އަށް ވުރެ ފަރާތްތަކުން ބައިވެރިވާ އިރު، ރާއްޖޭގެ ޓީމްގައި އެންމެ އިސްކޮށް ހުންނެވީ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްއެވެ.
މި އަހަރު އައިޓީބީ ފެއާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ޝަންހާއީ ވޯލްޑް އެކްސްޕޯ އެންޑް އެގްޒިބިޝަން ސެންޓަރު ގައެވެ.
ހުސްވި އަހަރުވެސް ރާއްޖެއިން ވަނީ އައިޓީބީ ފެއާގައި ބައިވެރިވެފައެވެ.
ޖަރުމަންގެ ބާލިންގައި މިދިޔަ އަަހަރުގެ 7 މާޗް އިން 8 މާޗްގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ފެއާގައި ބައިވެރިވެ ރާއްޖޭގެ ރީތިކަން ބޭރުގެ ދުނިޔެއަށް ވަނީ އިޝްތިހާރު ކޮށްފައެވެ.
