މިރޭ ރާއްޖޭގެ އުތުރަށް އައި ބިންހެލުމާއި ގުޅިގެން، ހދ.އަތޮޅުގެ ބައެއް ރަށްތަކަށް ލޮޅުން އިހްސާސް ކުރެވުނު ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

އަރަބިއަން ސީއަށް އައި މި ބިންހެލުން އައިސްފައި ވަނީ ހދ. ކުޅުދުއްފުއްޓާއި 234 ކިލޯމީޓަރު ކައިރިއަށެވެ.

މިރޭ ރާއްޖެ ގަޑިން 8:26ގައި މި ބިންހެލުން އައިސްފައި ވަނީ 4.5 މެގްނެޓިއުޑް ބާރުމިނުގައި، 10 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމާއި ގުޅިގެން 23 ރިޕޯޓެއް ލިބުނުއިރު، ބިން ހެލުމުގެ އަސަރު ކުރި ކަމުގެ ހަ ރިޕޯޓެއް ލިބިފައިވާ ކަމަށާއި، ކުޅުދުއްފުއްޓަށް ބިންހެލުމުގެ އަސަރު ކޮށްފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވޮލްކެނޯ ޑިސްކަވަރީ ވެބްސައިޓުގައި ވަނީ ބުނެފައެވެ.

މެޓް އޮފީހުން މިރޭ ބުނީ، ހދ.އަތޮޅުގެ ބައެއް ރަށްރަށުގެ ބިންގަނޑަށް މިރޭ ލޮޅުން އެރިކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި، ހަނިމާދޫގައިވާ ބިންހެލުން ރިކޯޑް ކުރާ މީޓަރަށް، މިރޭ 8:27 ހާއިރު، ލޮޅުމެއްގެ އަސަރު ކުރިކަން ވަނީ ރެކޯޑު ކުރެވިފައި ކަމަށެވެ.

މެޓުން ބުނީ، މި ބިންހެލުމުގެ ސަބަބުން ނުރައްކަލެއް ދިމާވެދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.