މިއަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މާދަމާ މެންދުރުފަހު 2:00 އަށް ހަމަވާނެ ކަމަށް ރައީީސް އޮފީހުން ބުނެފިއެވެ.
ގައުމީ އިނާމަށް މިއަހަރު ހުޅުއްވައިލައްވައިފައިވަނީ، މައިގަނޑު 38 ދާއިރާއަކުންނެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ވިޔަފާރި އިދާރާ ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނުވަތަ ސަރުކާރުގެ އިދާރާއަކުންނާއި މިނިވަން މުއައްސަސާ ތަކުންވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވައިފައެވެ.
ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ.
އަދި ކުންފުނި، ޖަމުއިއްޔާ ޖަމާޢަތް ވިޔަފާރި އިދާރާ ފަދަ ތަންތަނުން ގައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ.
ގައުމީ އިނާމަށް އެދޭ ފޯމާއި، ފޯމާއެކުގައި ހުށަހަޅާންޖެހޭ ތަކެތި ހުށަހަޅާނީ، ޕޯޓަލް މެދުވެރިކޮށްގެންނާއި، ފޯމާއި ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުއްވައިގެންނެވެ. ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ނަމަ ހުށަހަޅާނީ، http://apply.presidency.gov.mv އަށެވެ. ފޯމު ފުރިހަމަކުރުމަށްފަހު ލިޔުމުން ހުށަހަޅާނަމަ ހުށަހަޅާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނަށެވެ.
ގައުމީ އިނާމަށް އެދި ހުށަހަޅާ ފޯމު ފޮނުއްވަންޖެހޭނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
އިނާމަށް އެދި ފޯމުހުށަހަޅާއިރު ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމައަށް ހުށަހެޅުއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން އެދިވަޑައިގަންނަވައެވެ.
މި އަހަރު ގައުމީ އިނާމު ދެއްވާނީ، ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
