ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތައް، ރައީސް މުއިއްޒު ދުނިޔޭގެ ސަމާލުކަމަށް ގެންނަވައިފި

އެންޓީގާ އެންޑް ބާބިޔުޑާގައި 2024 މެއި 27 އިން 29 ށް ކުރިޔަށްދާ ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ މަހާސިންތާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސަމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ.

އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި އެމަނިކުފާނު މި ކޮންފަރެންސްގައި ވަކާލާތު ކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، މާލީ އެހީއަކީ ސިޑްސްއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަން ފާހަގަކުރައްވައި، ތަރައްޤީއަށް ޓަކައި ފަސޭހައިން މާލީއެހީތައް ލިބޭނެގޮތް ފަހިވާންޖެހޭކަމަށާއި އަދި އެގޮތަށް ކުދިޖަޒީރާ ޤައުމުތަކަށް އަތްފޯރާފަށުގައި މާލީއެހީތެރިކަން ލިބުމަކީ ނުވަތަ ނުލިބުމަކީ އިންސާފާ ގުޅިފައިވާ ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މާލީ އެހީ އިތުރުކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ވަޢުދުވެފައިވީ ނަމަވެސް، ފާއިތުވި ދެ އަހަރު ތެރޭގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ބޭރުގެ މާލީ އިނާޔަތާއި ވަޞީލަތްތައް ލިބޭ މިންވަރު ދަށަށް ގޮސްފައިވާކަމުގެ ކަންބޮޑުވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކް (އެމް.ޑީ.ބީ) ތަކާއި އިންޓަރނޭޝަނަލް ފައިނޭންޝިއަލް އިންސްޓިޓިއުޝަން (އައި.އެފް.އައި) ތަކުން ކުދި ޖަޒީރާ ޤައުމުތަކަށް ފަހިވާގޮތަށް ބައެއް އެދެވޭ ބަދަލުތައް ގެނައުމަށްވެސް ގޮވައިލެއްވިއެވެ.

މި މަހާސިންތާގައި ރައީސް ދެއްކެވި ވާހަކަފުޅުތަކަށް ’ސިޑްސް’ގެ މެންބަރު ގައުމުތަކުގެ ލީޑަރުންނާ، މަހާސިންތާގައި އެކި ޖަމިއްޔާ ޖަމާޢަތްތަކާ ޚިދުމަތުގެ ދާއިރާތައް ތަމްސީލުކުރެއްވި ޢިލްމުވެރީންނާ ތަޖްރިބާކާރުންގެ ފަރާތްޕުޅުން ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. އަދި ރާއްޖެއަށް އެހީތެރިކަން ބޭނުންވާ އެކި ދާއިރާތަކާ ގުޅުންހުރި ބައިނަލްއަޤްވާމީ ބޮޑެތި ބައެއް އިދާރާތަކާއެކު އީޖާބީ މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ.