ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންދަވަނީ ހައްޖުވެރިންގެ ަކަންކަން ގާތުން ބައްލަވަމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިރޭ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ފުރަތަމަ ފުލައިޓުގައި ހައްޖަށް ފުރާ ހާޖީންނާ ބައްދަލުކުރެއްވުމަށްފަހުގައި މިނިސްޓަރު ވަނީ ހައްޖު ކޯޕަރޭޝަނުންހައްޖުގެ ކަންކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށް ވިދާޅުވެފައެވެ.
”ان شاء الله ރައީސް ޑރ.މުއިއްޒު ގެންދަވަނީ ހާޖީންގެ ކަންކަން ގާތުން ބައްލަވަމުން.“ މިނިސްޓަރު ވިދާޅުވިއެވެ.
ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި، ރާއްޖެއިން މި އަހަރު 1000 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރާނެއެވެ. މި އަހަރުގެ ހައްޖުވެރިންގެ އެންމެ ފުރަތަމަ ފްލައިޓު، މި މަހުގެ 31 ވާ ހުކުރު ދުވަހު ފުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ފްލައިޓުން 288 މީހުން ފުރާނެއެވެ.
ހައްޖުވެރިންނަށް ހާއްސަ މައުލޫމާތު ދިނުމުގެ ސެޝަންތައް ވެސް ފަށާފައިވާއިރު، އެންމެ ފުރަތަމަ މައުލޫމާތު ދިނީ، ފުރަތަމަ ފުރާ 288 މީހުންނަށެވެ.
ު
