އާސަންދަ މެދުވެރިކޮށް ޔޫއޭއީ އާއި ތައިލެންޑަށް ބޭސް ފަރުވާއަށް ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.

އާސަންދައިގެ ދަށުން، ތައިލެންޑާއި ޔޫއޭއީ އަށް ވެސް، ބޭސް ފަރުވާ ކުރަން ދެވޭނެ ގޮތް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނިންމެވުމެކެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިގެ ސީއީއޯ އާމިނަތު ޒީނިޔާ ވިދާޅުވީ ޔޫއޭއީ އާއި ތައިލެންޑަށް ދިވެހިންނަށް ބޭހަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވަނީ ސްރީލަންކާ އަދި އިންޑިއާ އަށް ބަރޯސާ ނުވެ އެހެން ގައުމުތަކަށް ފޮނުވޭނެ ގޮތްތައް ވެސް ބަލަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ މިހާރު އާސަންދަ ލިބޭ ގައުމުތަކަށް ވުރެ މާ ފެންވަރު ރަނގަޅު، މާ މަތީ ފަންތީގެ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސަން މަސައްކަތްކުރައްވާނެ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ އެ ތަންތަނަށް ދަތުރުކުރާއިރު ހުރުމަށްދާ ހަރަދު ވެސް އާސަންދައިގެ ތެރެއިން ކަވަރުވާނެގޮތް ހެދުމެވެ.