މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗެއް ވަގުތުން ދައްކާނެކަމަށް ޕީއެސްއެމުން ބުނެފިއެވެ.

އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ މި އަހަރުގެ ޖޫން މަހުގައި ފެށުމަށް ތައްޔާރުވަމުން އަންނަ މި މުބާރާތް ބްރޯޑްކާސްޓް ކުރުމުގެ ރައިޓްސް ޕީއެސްއެމުން މިހާރު ވަނީ ހޯދާފައިކަމަށެވެ.

އަދި ޔޫރޯ ފުޓުބޯޅަ މުބާރާތް ދެއްކުމުގެ ހުއްދަ ލިބިފައިވާ ހަމައެކަނި ދިވެހި ކުންފުންޏަކީ ޕީއެސްއެމް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން ބޭއްވި ޔޫރޯ 2020 ޕީއެސްއެމުން ބްރޯޑްކާސްޓް ކޮށްފައި ނުވަނީ، މި ސަރަހައްދަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ދައްކާ ސޮނީ ކުންފުންޏަށް ދަރަނި ނުދައްކާ ހުރުމުން ކަމަށެވެ.

އެހެންވެ، މި އަހަރުގެ މުބާރާތުގެ ބްރޯޑްކާސްޓިން ރައިޓްސް ހޯދީ އެ ދަރަނި ދެއްކުމުގެ ޕްލޭނެއް ހެދުމަށް ފަހު ކަމަށް ޒީނާ ވިދާޅުވިއެވެ.

މުބާރާތުގެ ބްރޯޑްކާސްޓިން ރައިޓްސް ހޯދުމަށް ސަރުކާރުގެ ފަރާތުން ލިބުނު އެއްބާރުލުމަށްޓަކައި ޒީނާ ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.

ޔޫރޯ ދެއްކުމަށް ހަމަޖެހިފައި ވަނީ ޓީވީއެމުންނާއި ޔޭސްޓީވީންނެވެ.