ރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓު ބޭނުންކުރާ މީހުން އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

Ads by Asuru

އިމިގްރޭޝަންގެ ގާނޫނަށް މި އިސްލާހު ގެންނަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމެވެ. އޭނާ ވިދާޅުވީ، މިއީ 20 ވަނަ މަޖިލީހުގައި އެމްޑީޕީން ކުރާ ފުރަތަމަ މަސައްކަތް ކަމުގައެވެ.

މީކާއިލް އެ ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާން ކުރައްވާފައި ވަނީ، ރާއްޖެ އަށް އިޒްރޭލު ރައްޔިތުން އެތެރެވުން މަނާކުރަން 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް، ސަރުކާރުން މިހާތަނަށް މިކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްދީފައި ނުވާތީ އާއި މިކަން ކުރެވޭނެ މުއްދަތެއް ވެސް އެނގެން ނެތްކަމަށް ވިދާޅުވެއެވެ.

އަދި ސީދާ ގާނޫނަށް ގެންނަ ބަދަލުން އެ ފިޔަވަޅު އެޅުން އަވަސްކުރުމުގެ ގޮތުން ކަމަށް ވެސް ލިޔުއްވާފައިވެއެވެ.

އެގޮތުން އިމިގްރޭޝަންގެ ގާނޫނުގައި ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުންގެ މާއްދާ އަށް ވަނީ އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން އިތުރުކުރަން ހުށަހަޅުއްވައިފައެވެ.

ސަރުކާރުން އިޒްރޭލު ޕާސްޕޯޓު ވަރަށް އަވަހަށް ރާއްޖޭގައި މަނާކުރާނެ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްޠީނުގެ ޣައްޒާއިން 36000 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.