ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް، އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މާލެވަޑައިގެންފިއެވެ.

މި މަހާސިންތާގައި ރިޔާސަތު ބެލެހެއްޓެވުމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފައި ވާއިރު އެމަނިކުފާނު ވަނީ ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ވައުދުވެފައިވާގޮތަށް ކަންކަން ކުރިޔަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ އަނިޔާވެރި އުދުވާނުތައް ކުށްވެރިކުރައްވައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިއްބެވުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ މި މަހާސިންތާގެ އެކި ބަހުސްތަކާއި ގިނަ ސައިޑްލައިން އިވެންޓްތަކުގައި ބައިވެރިވެވަޑައިގެން އަދި ބައެއް ޤައުމުތަކާއި ބައިނަލްއަގްވާމީ އެކިއެކި ޖަމުއިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަތީ ފަންތީގެ ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ. ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ މަހާސިންތާގައި އެ ގައުމުތަކުގެ ހައްގުގައި ރައީސުލްޖުމްހޫރިއްޔާ ވަކާލާތުކުރެއްވިއެވެ.

އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްސަކޮށް ކުރިމަތިވާ ބައެއް ގޮންޖެހުންތައް އަލިއަޅުވާލައްވައި އެކަންކަމުން އަރައިގަތުމުގެ ގޮތުން ގެނެވިދާނެ ބައެއް ޙައްލުތަކަށް ވެސް މި މިމަހާސިންތާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކުގައި އަލިއަޅުވާލެއްވިއެވެ.