އަމާޒަކީ ދާދި އަވަހަށް، 50،000 ރުފިޔާއަށް ހައްޖުގެ އަޅުކަން ކުރުމަށް ހޭދަ ކުރާ އަގު ކުޑަ ކުރުން ކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ.

ޝަކީލް ޕީއެސްއެމްއަށް ވިދާޅުވީ، ހައްޖަށް ދާން ރައްޔިތުންކުރާ ހޭދަ ކުޑަ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ.

ޝަކީލް ވިދާޅުވީ މިހާރު މަސައްކަތް ކުރަނީ ކުރިއަށް އޮތް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ހައްޖު ދަތުރުތަކުގެ އަގު ކުޑަކުރަން ކަމަށެވެ. އެގޮތުން އަމާޒަކީ 50،000 ރުފިޔާ އަށް އަގު ތިރިކުރުން ކަމަށް ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަނަށް ހެޔޮ ބަދަލެއް އައިސް، މާ ލަސްތަކެއް ނުވެ އެ އަމާޒަށް ވާސިލުވެވޭނެ ކަމަށް ވެސް ޝަކީލު ވިދާޅުވިއެވެ.

ހައްޖަށް ކުރަން ޖެހޭ ހޭދަ ކުޑަ ކުރުމަށް މަސައްކަތް ކުރަމުންދާއިރު، މިހާރު ހައްޖަށް ދާން 69،965 ރުފިޔާ ދައްކަން ޖެހެއެވެ.