ސަރުކާރު ސްކޫލުތައް އޭސީ ކުރުމަށް ކުރިއަށްގެންދާ ’ކޫލް ސްކޫލް‘ ޕްރޮޖެކްޓް އިފުތިތާހު ކޮށްފިއެވެ.

ކ.މާފުށީގައި މިއަދު މިކަމާ ގުޅޭގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މި ޕްރޮޖެކްޓް އިފުތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ.

މިއީ ދަރިވަރުންނާއި މުދައްރިސުން ކްލާސްރޫމްގައި ތިބޭއިރު އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އޭގެ ސަބަބުން ތަހައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ، މާފުށި ސްކޫލް އޭސީ ކުރެވިގެން ދިޔައިރު، އެ ރަށު ކައުންސިލުން ވަނީ މި ޕްރޮޖެކްޓްގެ ފޭސް 1 ގައި ސްކޫލުގެ ހުރިހާ ކްލާސްރޫމްތަކާއި ހޯލް އޭސީ ކުރުމަށް އެހީތެރިވެފައެވެ.
ޕްރޮޖެކްޓްގެ ފޭސް 2 ގައި ސްކޫލުގައި ސޯލަރ ޕެނަލް ހަރުކުރުމަށް ވަނީ ނިންމާފައެވެ.
މިކަމުގެ ސަބަބުން ސްކޫލުގައި ބޭނުންކުރާ ކަރަންޓުގެ %30 ސޯލަރ ހަކަތައަށް ބަދަލުވެ، ކަރަންޓަށް ދާ ހަރަދު ކުޑަވެގެންދާނެއެވެ.
މިނިސްޓްރީން ބުނީ، މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކެއް އޭސީ ކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.