އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ މިސްކިތެއްގައި ބާރުގަދަ އެެއްޗެއް ގޮއްވާލައި ދިން ހަމަލާއެއްގައި 21 މީހުން މަރުވެއްޖެެއެވެ.

Ads by Asuru

”އަލްޖަޒީރާ“ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގައި 33 މީހަކު ވަނީ ޒަހަމްވެސް ވެފައެވެ. އަފްޣާންގެ ފުލުހުން މައުލޫމާތުދޭ ގޮތުގައި މި ހަަމަލާ ދީފައިވަނީ އިއްޔެ މަޣްރިބު ނަމާދު ވަގުތުގައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، މިސްކިތުގައި ދިން ބޮމުގެ ހަމަލާގައި 18 އަހަރުން ދަށުގެ ނުވަ މީހަކު މަރުވެފައިވާއިރު، އުމުރުން އެންމެ ހަތް އަހަރުގެ ކުޑަ ކުއްޖަކުވެސް ވަނީ މަރުވެފައެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު ނަގާފައެއް ނުވާއިރު، އަފްޣާންގެ ކަމާބެހޭ އެއްވެސް ފަރާތަކުން، މިހަމަލާގެ ތުހުމަތު، ވަކި ޓެރަރިސްޓް ޖަމާއަތަކަށް ކޮށްފައެއްވެސް ނުވެއެވެ.

ތާލިބާން ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ މި ހަމަލާގެ ފަހަތުގައިވާ ބަޔަކު ހޯދައި، ހަރުކަށި އަދަބު ދޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.