އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމެވުމުން، ޝެއިހު އަލީ ޒައިދު އެމަނިކުފާނަށް ތައުރީފު ކުރައްވައިފިއެވެ.

ޝެއިހު ވިދާޅުވީ، މިވަގުތު ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެލެެއްވުމަކީ ގައުމަށް އެތައް ގޮތަކުން ލިބިގެންދިޔަ ބޮޑު ނަސީބެއް ކަމަށެވެ.

”ކަންކަމުގައި ނަގަންޖެހޭ އެކަށޭނަ ފިޔަވަޅު ނެގުމުގެ ގާބިލުކަމާއި ކެރުންތެރިކަން މިއީ ކޮންކޮންމެ ވެރިއަކަށް ކުރެވޭނޭ ކަންކަމެއް ނޫން!“ ޒައިދު ވިދާޅުވިއެވެ.

އިޒްރޭލު މީހުން ރާއްޖެ އަށް އެތެރެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން ސަރުކާރުން ނިންމިއިރު، މިއީ މިފަދަ ނިންމުމެއް ދިވެހި ސަރުކާރަކުން ނިންމި ފުރަތަމަ ފަހަރެވެ.

މިއަދުގެ ކެނިނެޓް ބައްދަލުވުމަށް ފަހު، ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ހޯމް މިނިސްޓަރު މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މިއަދު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ނިންމަވާފައި ވަނީ އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ކަމަށެވެ. އެ ކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފަލަސްޠީނާއި އިސްރާއީލްގެ މައްސަލައިގައި، ރާއްޖެއިން އިސްކަންދިނުމަށާއި ކޮށްދިނުމަށް ފަލަސްޠީނުން އެދޭކަންކަން ދެނެގަތުމަށް، ރައީސް ސްޕެޝިއަލް އެންވޯއީއެއް ކަނޑައަޅުއްވަން ނިންމެވުން ހިމެނެއެވެ.

ހަމައެހެންމެ، ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަޞްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމެވުމާއި ”ފަލަސްޠީނާއިއެކު ދިވެހިން“ މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވެވުމަށްވެސް ވަނީ ނިންމަވައިފައެވެ.