ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރެއްވީ ދަފްތަރު. ނަންބަރު ރސ 9472، ފާޠިމަތު ޙަބީބާއެވެ.

މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.

އަދި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، މިރަސްމިއްޔާތުގައި ފާޠިމަތު ޙަބީބާއާ ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުވާފައެވެ.