ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެ ޤައުމުގައި ދިރިއުޅޭ ދިވެހީންނާ ބައްދަލު ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިއްޔެގެ މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރު ވަނީ ލަންކާގައި އުޅޭ ދިވެހީންގެ ޙާލު އައްސަވާފައި ކަމަށެވެ. އަދި އެމީހުންނަށް ދިމާވާ އެކި ގޮންޖެހުންތައް ޙައްލު ކުރުމަށް ދިވެހި ސަރުކާރުން، ސްރީލަންކާގެ ސަރުކާރާއިއެކުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

ބުރާސްފަތި ދުވަހުގެ ނިޔަލަށް މިނިސްޓަރު ޒަމީރު ލަންކާއަށް ކުރައްވާ ދަތުރުގައި އެ ޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އޭގެތެރޭގައި ލަންކާގެ ރައީސް، ރަނިލް ވިކްރަމަސިންގްހެ އާއި ބޮޑުވަޒީރު، ޑިނޭޝް ގުނަވަރުދަނާ އަދި ސަބްރީ އާ ބައްދަލުކުރައްވައި ރަސްމީ ވާހަކަތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މިނިސްޓްރީން ބުނީ ރަސްމީ އެ މަޝްވަރާތަކުގެތެރޭގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ހަރުދަނާ ކުރުމާއި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދާ ދިނުން ހިމެނޭ ކަމަށެވެ.