ރާއްޖޭގައި އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން ނިންމުމުން، ރާއްޖެއަށް ދެމުން އަންނަ އެހީތައް އެމެރިކާއިން ހުއްޓާލަނީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަޑީގައި ހުންނަވައިގެންތޯ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސުވާލު އުފައްދައިފިއެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރާނަމަ، އެމެރިކާގެ އެހީ ރާއްޖެއަށް ނުދީ ހިފަހައްޓަން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ބިލެއް ހުށަހަޅުއްވަން ނިންމަވައި އެކަމުގެ މަސައްކަތްތައް ވަނީ ފައްޓާފައެވެ.

އެކްސްގައި އެމްޕީ އިބްރާހިމް ވަނީ މިކަމުގެ ފަހަތުގައި ހުންނެވީ ޝާހިދުތޯ ސުވާލު އުފައްދައި މި މައްސަލަ އިތުރަށް ބެލުމަށް ގޮވާލައްވާފައެވެ.

”މީގެ ފަހަތުގައި ތިބީ އެމްޑީޕީން އަބްދުﷲ ޝާހިދު ކަމަށް މައުލޫމާތު ލިބޭ؟ އިތުރަށް ބަލަންޖެހޭ،“ އިބްރާހިމް މުހައްމަދު ވިދާޅުވިއެވެ.

އިސްރާއީލް މީހުން ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުން ނިންމީ މިދިޔަ އާދިއްތަ ދުވަހުއެވެ.