ބަރުލަމާނީ ނިޒާމަށް އެމްޑީޕީގެ 10 އިންސައްތަ މެމްބަރުން ވެސް ތާއީދެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

 

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީން ބަރުލަމާނީއަށް ބަދަލުކުރަން މިރޭ އޮންނަ އެމްޑީޕީގެ ކޮންގްރެސް އަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގަރާރެއް ހުށަހަޅުއްވާފައިވާއިރު، ވެރިކަމުގެ ނިޒާމު ބަދަލުކުރަން އެއްބަސްނުވާނަމަ އެމްޑީޕީގެ 42 އިންސައްތަ މެމްބަރުންގެ ވޯޓު ސަރުކާރަށް ނުލިބޭނެ ކަމަށް ނަޝީދު މީގެކުރިން ހާމަކުރެއްވިއެވެ.

މިކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ އެއީ އެކަން އެގޮތަށް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އޭނާ އަކީ ވެސް ސިޔާސީ ކަންކަމުގައި ކޮންމެވެސް ވަރެއްގެ ތަޖުރިބާ ހުރި މީހަކަށް ވެފައި އާންމުންނާއި ވެސް ވަރަށް ކައިރިން ބަދަލުވާ މީހެއް ކަމަށެވެ.

”އަޅުގަނޑު އަންދާޒާ ކުރާ އިރު، އަޅުގަނޑު ނުދަންނަވާނަން އެމްޑީޕީގައި ބަރުލަމާނީއަށް 10 ޕަސެންޓް ވެސް ތާއީދު އޮތް ކަމަށް. އަދި މުޅި ރާއްޖެއަށް ބަލާއިރު، އަޅުގަނޑު ގަބޫލެއް ނުކުރަން އޭތި އެއާ ވެސް ކައިރި ކުރާނެ ކަމަށް.“ ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވަނީ ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު ކޮންމެ ގޮތަކަށް ނިމުނު ކަމަށްވިޔަސް ޕާޓީ ބައިބައިވެގެން ގޮސްދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

ނަޝީދު ގެންދަވަނީ ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް، އެމްޑީޕީގެ ހަރުގޭގައި އެއްވުންތަކެއް ބާއްވަވަމުންނެވެ. ނަމަވެސް އެ ބައްދަލުވުންތަކަށް ލިބެމުން އަންނަނީ ވަރަށް ފިނި ތަރުހީބެކެވެ.