މި އަހަރުގެ ޒުވާނުންގެ އެވޯޑް 17 ދާއިރާއަކުން ދޭން ނިންމައި، އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
އެ އިނާމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލާފައިވާއިރު، އިނާމަށް ފޯމު ހުށަހެޅޭނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 13:00ގެ ނިޔަލަށެވެ. އެޕްލިކޭޝަން ހުށަހަޅާނީ ގޫގުލް ލިންކް ނުވަތަ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް (ސޯޝަލް ސެންޓަރ) އިންނެވެ.
އެޕްލިކޭޝަން ބަލައިގަތުން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 13:30 އަށެވެ. ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް info@youth.gov.mv މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފައެވެ.
ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެ ގޮތުގައި ޒުވާނުންނަށް ދެވޭ ޚާއްޞަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެންދާނެއެވެ.
ޒުވާނުންގެ އެވޯޑަކީ ތަފާތު އެކި ދާއިރާތަކުން ގައުމުގެ ތަރައްގީ އަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.
އަދި މިއީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައަށް ފައިދާ ހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.
