އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތިންވަނަ ދައުރަކަށް ހުވާ ކުރައްވައިފިއެވެ.

ދިއްލީގައި ހުންނަ ރިޔާސީ ގަނޑުވަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އާ ސަރުކާރުގެ ކެބިނެޓް ވެސް ވަނީ އެކުލަވާލައްވައިފައެވެ.

ގާނޫނު ހަދާ މަޖިލީހުގެ 543 ގޮނޑީގެ ތެރެއިން، ބީޖޭޕީ ހިމެނޭ އެންޑީއޭއިން ވަނީ 293 ގޮނޑި ކާމިޔާބުކޮށްފައެވެ. މިއީ ލަފާ ކުރެވުނު މިންވަރަށް ވުރެ މަދު އަދަދެކެވެ.

މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އެތައްހާސް ބަޔަކު ބައިވެރިވީއިރު، އިންޑިއާގެ އަވަށްޓެރިން ކަމުގައިވާ ސްރީލަންކާއާއި، ނޭޕާލާއި، ބަންގްލަދޭޝްއާއި ރާއްޖޭގެ ވެރިން ބައިވެރިވަޑައިގަތެވެ. ނަމަވެސް ޗައިނާއާއި ޕާކިސްތާނުގެ ވެރިން މި ރަސްމިއްޔާތުން ނުފެނެއެވެ.

މި ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 2،500 ފުލުސް އޮފިސަރުން ރިޔާސީ ގަނޑުވަރު ސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ.

އުމުރުން 73 އަހަރުގެ މޯދީ އަކީ، އިންޑިއާގެ ކުރީގެ އަދި އެންމެ ފުރަތަމަ ބޮޑުވަޒީރު ޖަވާހިރުލާލު ނެހެރޫއަށް ފަހުގައި، ޖެހިޖެހިގެން ތިންވަނަ ދައުރަކަށް އިންތިޚާބުވި ދެވަނަ ބޮޑުވަޒީރެވެ.