އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތިންވަނަ ދައުރަކަށް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

Ads by Asuru

މި ރަސްމިއްޔާތު ބާއްވާފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެ ޤައުމުގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ އެޤައުމުގެ ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ ޖަވާހަރްލާލް ނެހްރޫއަށްފަހު ތިން ވަނަ ދައުރަކަށް އެޤައުމުގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ބޮޑުވަޒީރެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމުގެ ހުވައި ލައިދެއްވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ އިސްވެރިން ހިމެނޭހެން އެކި ޤައުމުތަކުގެ އެތައް ހާސް ޢިއްޒަތްތެރީންނެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ހުވާކުރުމުގެ މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އަދި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޤައުމުތަކުގެ އިސްވެރިންނާއެކު ނެންގެވި ހަނދާނީ ފޮޓޯފުޅުގައި ބައިވެރިވެވަޑައިގެންފައެވެ.