ރައީސް ޑރ. މުހައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރެއްވުމަކީ އެމަނިކުފާނުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން ސާބިތުކޮށްދިން ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މޯދީއާ ބައްދަލުކުރައްވާ މަންޒަރު ފެންނަ ފޮޓޯފުޅަކާއި އެކު ޢަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެބައްދަލުވުމަކީ ރައީސް މުޢިއްޒުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން ސާބިތުކޮށް ދިން ކަމެއް ކަމަށެެވެ.
”ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތިޔަ ސާބިތުކޮށްދެއްވީ މަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން. ޝުކުރިއްޔާ ރައީސް،“ ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ، ވިދިވިދިގެން ތިންވަނަ ދައުރަކަށް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޢިއްޒު އެ ޤައުމަށް އަދިކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައި، މިއަދު ހެނދުނު ވަނީ ރާއްޖެ ވަޑައިގެންފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެ-އިންޑިއާގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އެމަނިކުފާނު ވަނީ އިންޑިއާގެ އައު ސަރުކާރުގެ ޔޫނިއަން މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރާ ވެސް ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި، އެއްޤައުމުން އަނެއް ޤައުމަށްދޭ އެއްބާރުލުމާއި އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިޙްތިރާމްގެ މުހިންމުކަން ފާހަގަކުރައްވާ، ރާއްޖެއާއި އިންޑިއާއިން ދެޤައުމުގެ މެދުގައި މިއޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުޤުވެރިކަން ދެބޭފުޅުންވެސް ފާޅުކުރައްވާފައިވެއެވެ.