އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ތިން ވަނަ ދައުރަކަށް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ އިސް ވެރީންނާ ބައްދަލުކުރައްވައިފައިވެއެވެ.

ރައީސް ޕީއެސްއެމްއަށް ވިދާޅުވީ، މި ދަތުރުފުޅު ދިވެހިރާއްޖެއަށް ވަރަށް ކާމިޔާބު ކަމަށާއި، މިއީ މި ސަރަހައްދަށްވެސް ވަރަށް ރަނގަޅު ދަތުރެއް ކަމަށެވެ. އަދި މޯދީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީީސް މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އަވަށްޓެރި އިންޑިއާގެ މީޑިއާތަކުގައި ވެސް، ރައީީސް މުޢިއްޒުގެ ދަތުރުފުޅު ސިފަ ކުރަމުންދަނީ ރާއްޖެ-‏އިންޑިއާގެ ގުޅުން ބަދަހިކޮށްދިން ދަތުރުފުޅެއްގެ ގޮތުގައެވެ.