ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ގުޅޭގޮތުން މީޑިއާތަކާ މަޝްވަރާ ކުރަން ނިންމަވައިފިއެވެ.

Ads by Asuru

ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު(އަސްވާޑު) މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްކަން ފާހަގަކުރައްވައި، މި އަހަރު އެ ފައިސާ ދެވޭ ގޮތް ނުވީ، އެމްޑީޕީން ބަޖެޓުގައި ހިމަނާފައި ނުވުމުން ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ މިކަމުގައި ޢަމަލު ކުރާނެ އުޞޫލުތަކާ ގުޅޭގޮތުން،

“ އަންނަ އަހަރުގެ ބަޖެޓަށް އަޅުގަނޑުމެން މަސައްކަތް ކުރާއިރު، މިހާރު މީޑިއާތަކާ މަޝްވަރާ ކޮށްލަން އަޅުގަނޑުމެން ބޭނުންވަނީ، ކޮން ހަމަތަކެއް، ކޮން އުސޫލުތަކެއްތޯ އަޅުގަނޑުމެން ގެންގުޅެންވީ، މީޑިއާތަކަށް ފައިސާ ދިނުމުގައި. އެކަން ކުރުމަށްޓަކާ އަޅުގަނޑުމެންނަށް ޤަބޫލު ކުރެވެނީ، އެންމެ ފުރަތަމަ ރާއްޖޭގެ އެންމެ ސީނިއާ އެޑިޓަރުންނާ ބައްދަލުކުރުމަކީ މުހިންމު ކަމެއް ކަމަށް.“ މިނިސްޓަރު ވިދާޅުވިއެވެ.

މި މަސައްކަތުގެ ބޭނުމަކީ، ނޫސްވެރިކަމަކީ އަބުރުވެރި، ސަލާން ޖަހަން ނުޖެހޭ އަދި ވަކި ބައެއްގެ މުށު ތެރޭގައިވާ ކަމަކަށްވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ގުޅޭގޮތުން، އޮންލައިން، ޕްރިންޓް މީޑިއާ އަދި ރާއްޖޭގެ ޓީވީ ސްޓޭޝަންތަކުގެ އިސްވެރިންނާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.