ދައުލަތުގެ މީޑިއާ، ޕީއެސްއެމްއާ ގުޅޭގޮތުން އަދަދު ނޫހުން ދޮގު ޚަބަރު ގެނެސްދިން ކަމަށް ބުނެ، މޯލްޑިވްސް މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅައިފިއެވެ.

Ads by Asuru

އަދަދު ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރެއްގައި ބުނެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ލައިވް ކުރަން ނިންމި ކަމަށާއި، ފަހުން އެ ކަވަރޭޖު ނުގެނެސްދޭން ނިންމީ ފާޑު ކިޔުން އަމާޒުވުމުން ކަމުގައެވެ.

މި ވާހަކަ ދޮގުކޮށް، ޕީއެސްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވައި ކުރައްވާ ރަސްމިއްޔާތު ޕީއެސްއެމް އިން ލައިވް ކުރަން ނިންމާފައިވާ ކަމަށް ބުނެ އަދަދު ނޫހުން ގެނެސްދިނީ ދޮގު ޚަބަރެއް ކަމަށެވެ.

އެ ކުންފުނިން އެއްވެސް އިރެއްގައި ރަސްމިއްޔާތު ލައިވްކުރަން ނިންމާފައިނުވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތައް ޕީއެސްއެމް އިން އަބަދުވެސް ވަގުތުން ގެނެސްދޭ ކަމަށާއި، އެއީ ހުވައި ކުރައްވާ ރަސްމިއްޔާތަށް ޚާއްސަކޮށްގެން ގެނެސްދޭ ކަވަރޭޖެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އަދަދު ނޫހުން ތަކުރާރުކޮށް ޕީއެސްއެމްއާ ގުޅޭގޮތުން ދޮގު ޚަބަރު ގެނެސްދީފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނީ އެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.