ކުރިއަށް އޮތް އަޟްހާ ޢީދު ބަންދުގައި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ދުވަސްތަކާއި ވަގުތުތައް އިމިގްރޭޝަނުން މިއަދު އާންމުކޮށްފިއެވެ.

Ads by Asuru

އިމިގްރޭޝަނުން މިއަދު އާންމު ކުރި ޕޯސްޓެއްގައި ބުނީ ޢީދު ބަންދުގައި، މި މަހު 17 އިން ފެށިގެން 20 އަށް ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ ކަމަށެވެ. ޢީދު ދުވަހަކީ، މި މަހުގެ 16 ވަނަ ދުވަހެވެ.

އިމިގްރޭޝަނުން ބުނީ އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންނާއި އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ އޮފީހަށް ހާޒިރުވެ ޕާސްޕޯޓަށް ހުށަހަޅޭނެ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އާ ދެމެދުގެ ވަގުތެކެވެ.

ޕާސްޕޯޓާ ޙަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން ހަވީރު 4:00 އަށެވެ.

އިމިގްރޭޝަނުން ބުނީ، ކިއުބީ އެޕް ބޭނުންކޮށްގެން ނުވަތަ އިމިގްރޭޝަންގެ ކައުންޓަރަށް ގޮސްގެން އެ ގަޑިތަކުގައި ކިއު ނެގޭނެ ކަމަށެވެ.

އަދި މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި މިހާރެކޭ އެއްގޮތަށް 9555333 އަށް ގުޅުމަށް އިމިގްރޭޝަނުން އެދެއެވެ.