ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޯލިޝަން ދަމަހައްޓަނީ، ކޯލިޝަނުގެ ބައިވެރިންނަށް ”އެކި ހަދިޔާ“ތައް ދީގެން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓު އެރުވުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ސަރުކާރުގެ ކޯލިޝަން ހިފެހެއްޓުމަށް ރައީސް ސޯލިހު ގެންގުޅުއްވަނީ ކޮންކަހަލަ ޖާދުލެއްތޯ ބަލާލަން ޖެހޭ ކަމަށެވެ.

އެންމެ ކައިރިން، ބުރަކައްޓަށާއި، އަރިކައްޓަށް ހަންޖަރު ޖަހާއިރު ކޯލިޝަން ހިފަހައްޓާނީ ކިހިނެއްތޯ ރައީސް ޔާމީން ސުވާލު ކުރައްވާފައެވެ.

ފަޅުތަކާ ރަށްތަކާ، ހަދިޔާތަކާ ސެޓްލްމަންޓްތަކާ، ވެންޓިލޭޓަރުތަކާ، މިކަހަލަ ހުރިހާ ކަންކަން އަތްޕުޅު މައްޗަށް ލައްވައިގެން މި ކޯލިޝަން ދަމަހައްޓަނީ. މީކީ އިހްލާސްތެރި ކޯލިޝަނެއް ނޫން. މީގެތެރެއިން ކޮންމެ މީހަކު މީގެތެރެއަށް ވަދެ މިހިރީ، ތިމަންނަގެ ބައި ބޮޑު ކުރަން.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާކަން ފާހަގަކުރައްވައި، ޒުވާނުންނަށްޓަކައި މިވެރިކަމުގެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އުފެއްދުނީ އެންމެ ހަތަރުހާސް ވަޒީފާ ކަމަށް ވިދާޅުވިއެވެ.

އަދި މަސްވެރިކަން ހީނަރުވެ، އެމްޑީޕީގެ ނޫ އިގްތިސާދު މިހާރު ވަނީ ”ނޫފައިގެންފައި“ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު، ގިނަ ރަށްތަކުގައި ބަރާބަރަށް މަސްވެރިކަމަށް ނުކުންނަ ދޯނިތައް، މިހާރު މަސްބާނަން ނުނިކުންނަކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ސަރުކާރުން މަސްވެރިން ބާނާ މަސް ނުގަނެ، މަސްވެރިންނަށް ހައްގު އަގު ނުދޭ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ގައުމު މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި ރައްޔިތުން އެމަނިކުފާނަށް ވެރިކަން ހަވާލުކުރަން ބޭނުންވާއިރު، އެ ބޮޑު ޒިންމާ، އަނެއްކާވެސް އަދާކުރަން މަޖުބޫރުވެފައިވާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.