ކުވެއިތުގެ މަންގަފް ސިޓީގެ އިމާރާތެއްގައި ރޯވެ، 49 މީހުން މަރުވެއްޖެއެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާއާ ޙަވާލާދީ، ބީބީސީ ނިއުސް އިން ބުނީ، މި ހާދިސާގައި މަރުވި މީހުންގެ ތެރެއިން، 40 މީހުންނަކީ އިންޑިއާއަށް ނިސްބަތްވާ މީހުން ކަމަށެވެ.
ބުދަ ދުވަހުގެ ވަގުތެއްގައި މި ހާދިސާ ހިނގި އިމާރާތުގައި ގިނައިން އުޅެނީ މަސައްކަތު މީހުންނެވެ.
މި ހާދިސާގައި އިންޑިއާގެ 50 މީހަކަށް އެކިވަރުގެ އަނިޔާ ވެސް ލިބުނެވެ. ރިޕޯޓުތައް ބުނާގޮތުގައި، ހާދިސާގައި މަރުވި އިންޑިއާގެ ގިނަ މީހުން ނިސްބަތްވަނީ، އެ ޤައުމުގެ ދެކުނުގެ ސްޓޭޓްތައް ކަމުގައިވާ ކެރެލާ އަދި ޓަމިލް ނާޑޫ ނިސްބަތްވާ މީހުންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދަ މޯދީ ވިދާޅުވީ، މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި، މި ހާދިސާއާއި ގުޅޭ ކަންކަން ކުވެއިތުގައި ހުންނަ އިންޑިއާގެ އެމްބަސީން ގާތުން ބަލަމުންދާނެ ކަމަށެވެ.
ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑު ދެނެގަތުމަށް، ޑީއެންއޭ ޓެސްޓު ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ކުވެއިތުގެ ޑެޕިއުޓީ މިނިސްޓަރު، ޝެއިޚް ފަހަދު ޔޫސުފް އަލް ސަބާޙު ވިދާޅުވީ، މި ހާދިސާ ހިނގަން ދިމާވީ، އަލިފާާން ރޯވި އިމާރާތުގެ ވެރިފަރާތުގެ އިހުމާލުން ކަމަށާއި، އިމާރާތް ކުރުމުގެ މިންގަނޑަށް ޢަމަލުކޮށްފައި ނުވާ ކަމަށެވެ.
