...
Advertisement
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެ ކުދިންގެ އިޖްތިމާޢީ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކަމާއި، އެ ކުދިންގެ އިޖްތިމާޢީ ތަރައްޤީއާއި ގުޅޭ މައްސަލަތަކާއި ގުޅޭގޮތުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، ޔުނިސެފް އާއި މަޝްވަރާ ކުރައްވައިފިއެވެ.

Ads by Asuru

މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަނބިކަނބަލުން ވަނީ ރާއްޖޭގެ ކުޑަކުދިންގެ ތަރައްޤީއަށް ބޭނުންވާ އެކިއެކި ކަންކަމުގައި ޔުނިސެފުން ދެއްވަމުންގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ.

ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ދެއްކެވި ވާހަކަފުޅުގައި ރައީސްގެ އަނބިކަނބަލުން ޔުނިސެފްގެ ކަންކަމަށް ދެއްވާ އަހައްމިޔަތާއި އެއްބާރުލުން ފާހަގަކުރައްވައި އަދި އެކަމަނާގެ ހިންގުންތެރިކަމަށް ތަޢުރީފު ކުރެއްވިއެވެ.

މީގެ އިތުރުން ޔުނިސެފްގެ ނިއުޓްރިޝަން ޕްރޮގްރާމުގައި ރައީސްގެ އަނބިކަނބަލުންގެ ބައިވެރިވެވަޑައިގެންނެވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައި، އިޖުތިމާޢީ ޚިދުމަތްތަކަށާއި އިޤްޠިޞާދީ އިޞްލާހީ ބަދަލުތައް ގެނައުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ތަޢުރީފު ކުރެއްވިއެވެ.

މިދިޔަ 20023 ވަނަ އަހަރުގެ ނޮވެންބަރ 24 ވަނަ ދުވަހު ބޭއްވި ”ވަރލްޑް ޗިލްޑްރެންސް ޑޭ- އާޓް އެގްޒިބިޝަން“ގައި ރައީސްގެ އަނބިކަނބަލުންގެ ބައިވެރިވެވަޑައިގެންނެވުން ފާހަގަކުރައްވައި އެ މުބާރާތުގެ ޑިޖިޓަލް ކޮޕީއެއް މި ބައްދަލުކުރެއްވުމުގެ ތެރެއިން އެކަމަނާއަށް އެރުވިއެވެ.

ރައީސްގެ އަނބިކަނބަލުންނާއި ޔުނިސެފްގެ ރެޕްރެޒެންޓެޓިވް މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ކުޑަކުދިންގެ ރައްކާތެރިކަމައި އެކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި އެކުދިންގެ ތަރައްޤީއާ ގުޅޭ އިޖުތިމާޢީ އެކިއެކި މައްސަލަތަކާ ގުޅޭގޮތުންނެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރައީސްގެ އަނބިކަނބަލުންނާއި ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ވަނީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

Ads by ooredoo maldives