މިއަހަރުގެ ޙައްޖު މޫސުމުގައި، ޙައްޖާޖީންނަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސަވާދެއްވާފައިވާތީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

Ads by Asuru

ރައީސުލްޖުމްހޫރިއްޔާ މި ޝުކުރު އަދާކުރެއްވީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ޙައްޖުގެ މަތިވެރި އަޅުކަމުގެ ދުވަސްވަރަކީ މުސްލިމު އުންމަތުގެ މެދުގައި އޯގާތެރިކަމާއި ދީލަތިކަމާއި އެއްބައިވަންތަކަން އާލާވެގެންދާ ދުވަސްވަރެއްކަމުގައި ލެއްވުމަށާއި މުސްލިމު އުންމަތަށް ޞުލްޙަމަސަލަސްކަމާއި އުފާވެރިކަން ފާގަތިކަން އިތުރުދެއްވުން އެދިވަޑައިގެން ދުޢާ ދަންނަވާފައިވެއެވެ.

މީގެ އިތުރުން އަޟްޙާ ޢީދުގެ މުނާސަބާގެ ތަހުނިޔާއާ ހެޔޮއެދުންތައް ސަޢޫދީ ވަލީއަޙްދާއި ސަޢޫދީ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް ފޮނުވާފައިވެއެވެ.

އެމަނިކުފާނުގެ ސިޓީފުޅު ނިންމަވާލައްވާފައި ވަނީ ސަޢޫދީ އަރަބިއްޔާގެ ރައްޔިތުންނަށް އުފާފާގަތިކަމާ އަދި ސަޢޫދީ ވަލީއަޙްދަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގަންނަވަމުންނެވެ.