މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެންް މި އަހަރުގެ މިހާތަނަށް 21 މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
ފުލުހުން ބުނީ، މި މައްސަލަތަކުގައި ހިމެނޭ 6 ފަންކާ، 2 ފޯނު އަދި ފެންމޯޓަރެއް ހޯދައި ވަނީ ހަވާލުކޮށްފައި ކަމަށެވެ.
ފުލުހުން މި މަޢުލޫމާތު ހާމަކުރިއިރު، ޢީދު މިސްކިތުން މި މަހު އެކަނިވެސް 10 ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އިއްޔެ މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޢީދު މިސްކިތުން މި މަހު އެކަނިވެސް ވަނީ 10 ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށެވެ.
މިސްކިތްތަކުން ފަންކާ ނަގާ މައްސަލައަކީ ދޭތެރެ ދޭތެރެއިން ފެންމަތިވަމުންދާ މައްސަލައެކެވެ. އެގޮތުން، ފަންކާ ވަަގަށް ނަގާ މައްސަލައިގައި މިދިޔަ އެޕްރީލް މަހު މީހަކު ހައްޔަރުކޮށްފައިވެސް ވެއެވެ.
