ކުރިއަށް ވުރެ ބޮޑަށް އެމްޑީޕީ އެއްބައިވަންތަވެ، ހިޔާލުތައް އެއްގޮތް ކުރެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ވިދާޅުވެފައިވަނީ އެމްޑީޕީގެ ކޮންގްރެސް ނިމުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިއީ ހިޔާލުތައް އެއްގޮތް ކުރެވުނު ކޮންގްރެސްއެކެވެ.

އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީ މިހާރު އޮތީ ކުރިއަށް ވުރެ ބޮޑަށް އެއްބައިވަންތަކޮށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިއްޔެ ނިމިގެންދިޔަ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީން ބަރުލަމާނީ އަށް ބަދަލުކުރުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭގޮތުން އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު ވަނީ އަނބުރާ ގެންދަވާފައެވެ.

 

އެ ގަރާރު އަނބުރާ ގެންދަން ނަޝީދު ނިންމެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކުރެވުނު މަޝްވަރާތަކަށްފަހުއެވެ.

ކޮންގްރެސް އަށްފަހު ދެން އޮންނާނީ އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅަން ބާއްވާ ރިޔާސީ ޕްރައިމަރީ އެވެ. އެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ނަޝީދު އަދި ރައީސް ސޯލިހް ވެސް މީގެކުރިން ވަނީ ފާޅުކުރައްވާފަ އެވެ.

އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅަން ޕްރައިމަރީއެއް ބާއްވާއިރު މިދިޔަ ހުކުރު ދުވަހުގެރޭ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ ޕްރައިމަރީއަކާ ނުލާ އަރުވާފަ އެވެ.