ބަންގްލަދޭޝްއަށް ނިސްބަތްވާ ޒުވާން ފިރިހެނެއް ކަމުގައިވާ، އެމްޑީ އަލަމްގީރާއެކު، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި އޭނާގެ އިތުރުން، އިތުރު ތިން މީހަކަށް ދައުވާ ކޮށްފިއެެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މި މަހުގެ 18 ވަނަ ދުވަހު ދައުވާކޮށްފައިވަނީ މިމައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ހިމެނޭ ގާނޫނީ ވަކީލް ނާޒިމު އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހުންގެ ޑްރަޑް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުން ދިޔަ އަބްދުއްރަހުމާން ރަފީގުގެ މައްޗަށެވެ.

އެނގިފައިވާ ގޮތުގައި ހަތަރު މީހުންގެ މައްޗަށް ދައުވާކުރަނީ ގާނޫނުލްއުގޫބާތާއި ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނެވެ.

އަލަމްގީރާއެކު 250އަށް ވުރެ ގިނަ މީހުން އެއްޖިންސުން ގުޅުން ހިންގި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.