ހިޖުރީ އާ އަހަރާއެކު އަޅުގަނޑުމެންގެ އަޒުމަކަށް ވާންވީ، ދިވެހިރާއްޖޭގެ މާދަމާގެ ސަލާމަތާއި، ފުދުންތެރިކަމާއި، ތަމައްދުނަށްޓަކައި ސަރުކާރުން ފަށާފައިވާ އިސްލާހީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހިޖުރީ އާ އަހަރު ފެށުމާއި ގުޅިގެން ތަހުނިޔާ ވިދާޅުވެ، ނެރުއްވި ހިތާބުގައެވެ. ރައީސް ވަނީ އެންމެން އެއް ރޫޙެއްގައި މި ގައުމުގެ ކުރިމަގަށްޓަކައި މަސައްކަތް ފެށުމަށް ގޮވާލައްވައިފައެވެ.
ރައީސް ވިދާޅުވީ، އާ އަހަރެއްގައި، ދިވެހި ރައްޔިތުން އެއްބައިވަންތަވެ، މިއަދު އާ ކުރަންވީ އެއް ޢަޒުމަކީ، ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށްވުން ކަމަށެވެ.
”ވޭތުވެ މިދިޔަ އެތައް އަހަރަކު އަޅައިނުލެވި ދޫކޮށްލާފައި ހުރުމުގެ ސަބަބުން، ދިވެހި ފަސްގަނޑުގައި، ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް އެތައް ބިދޭސީއަކު ދަނީ ދިރިއުޅެމުންނެވެ. މަސްތުވާތަކެއްޗާއި، ގޭންގު ކުށްތައް ފަދަ ކަންކަން ހުއްޓުވައި، މީހުންނަށް ހެޔޮ ވިސްނައިދިނުމުގައި މުޖްތަމަޢުވަނީ އިހުމާލުވެފައެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމާއި ޚަރަދުބަރަދު ކުޑަކުރުން ފަދަ އާދަތަކަށް އަޅުގަނޑުމެން އަހުލުވެރިވުން ކުޑައެވެ.“ ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.
މާނަވީ ގޮތުން ބަލާއިރު، ހިޖުރަކުރުމުގެ މާނައަކީވެސް އިންސާނާ ހުރި ޙާލަތުން، އެއަށްވުރެ ރަނގަޅު ހެޔޮ ގޮތްތަކަކަށް ރުޖޫޢަވުން ކަމަށާއި، އާ އަހަރާއެކު އަޅުގަނޑުމެންގެ ޢަޒްމަކަށް ވާންވީ، ސަރުކާރުން ފަށާފައިވާ އިޞްލާޙީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދެއްވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ހިތާބުގައި ކީރިތި ރަސޫލާ صلى الله عليه وسلم ގެ މުޅި ދިރިއުޅުއްވުމުންވެސް ފެންނާން އޮތީ، އަޅުގަނޑުމެން ނަމޫނާ ލިބިގަންނަން ޖެހޭ މިފަދަ އެތައް މިސާލެއްކަމަށް ވިދާޅުވިއެވެ.
”މަދީނާގައި އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ ކާމިޔާބުން ލިބޭ އެއް ފިލާވަޅަކީ، ޤައުމެއްގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަވުން މުހިންމުކަމެވެ. ޢާއިލާތައް ބަދަހިވާން ޖެހޭކަމެވެ. މުރާލިކަމާއި ހީވާގިކަމާއެކު މަސައްކަތްކުރަން ޖެހޭކަމެވެ. އަވަށްޓެރިކަމުގެ ގުޅުންތައް ދަމަހައްޓަން ޖެހޭކަމެވެ.“
ކޮންމެ ފަރުދަކުވެސް ފުދުންތެރި ދިރިއުޅުމަކަށް އަމާޒު ހިފަން ޖެހޭކަމަށާއި، އިސްރާފު ނުކުރުމާއި، ބޭކާރު ޚަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެން ހިފައިފިނަމަ، މުޅި ޤައުމުގެ އިޤްތިޞާދު ހަރުދަނާވާނެ ކަމަށް ރައީީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެންމެންގެ މަންފާއަށްޓަކައި އެކަށައެޅިފައިވާ ޤާނޫނުތަކާއި އުޞޫލުތައް ތަންފީޒުވާން ޖެހޭކަމަށެވެ.
