ދިވެހިބަސް ދެމިއޮތުމާއި ކުރިއެރުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީ ލިޔުންތެރިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ލިޔުންތެރިންގެ ދުވަހަކީ، ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 08 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.
މި ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދިވެހި ބަހުގެ ތަރައްގުއާއި ކުރިއެރުމަށް ލިޔުންތެރީންގެ ދައުރު ވަރަށް މުހިންމު ކަމަށާއި، ލިޔުންތެރީންނަކީ ދިވެހިބަސް ދިރުވައި އާލާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތްތައް ކަމަށެވެ.
މި އަހަރުގެ ލިޔުންތެރިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅުއްވާފައިވަނީ ”ތަހުޒީބު މުޖުތަމައެއް ދެމެހެއްޓުމަށްޓަކައި ލިޔުންތެރިންގެ ދައުރު މުހިންމު“ މި ޝިއާރެެވެ.
