ސިއްހީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާ އިން ރާއްޖެއާއި ކޮރެއާއާ ދެމެދު ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ.

ކޮރެއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސަލަންސީ މިޔޮންގ ލީ ވަނީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފައެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ކޮރެއާގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ޞިއްޙީ ދާއިރާ ތަރައްޤީކުރުމާއި، ފަތުރުވެރިކަމާއި، ޢާންމު ޞިއްޙަތާއި ގުޅޭ ދާއިރާއިން ފަންނީ ޤާބިލުކަން ތަރައްޤީކުރުމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ.

ދިވެހިރާއްޖެއާ ކޮރެއާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1967 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ކޮރެއާ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ކޮރެއާ ސަފީރު ހުންނަވާނީ ސްރީލަންކާގެ ކޮލަމްބޯގައެވެ.