ށ.މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް އެމްޓީސީސީއިން މިއަދު ބުނެފިއެވެ.
އެ ކުންފުނިން ބުނީި 76.44 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 31 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
މީގެއިތުރުން ބަނދަރުގެ ޕޭވިންގ މަސައްކަތްތަކުގެ 22 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.
މި މަޝްރޫއުގެ ދަށުން 17,900 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 72,938 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 8,400 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ނެރު ފުންކުރުން ހިމެނެއެވެ.
އަދި 583 މީޓަރުގެ ސަރަހއްދެއްގައި ބޭރުތޮށިލުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން، 316 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 93 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 20 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 54 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 130 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، އެކްސަސް ޕްލެޓްފޯމެއް ހެދުމާއި، 3,863 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

