ހުއްދަނެތް ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަކީ ކުށެއްކަމާއި، އެކަން ކުރާ ފަރާތްތައް ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ހަނދާންކޮށްދެއްވައިފިއެވެ.
އެފަދަ ފަރާތްތައް އެ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ)ގެ ދަށުން، 50،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް، އެމީހެއްގެ ޕާސްޕޯޓް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިހުތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހެންވެ، ޝަމްއާން ވަނީ، އެންމެހާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވެ، ހެދިފައިވާ ގަވައިދުތަކަށް އަމަލު ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ މަހުގެ 29 ގައި މާލޭގެ ލޯކަލް މާރުކޭޓާއި މާލެތެރޭގައި އަމިއްލަ ފަރާތްތަކުން ހިންގާ މާރުކޭޓުތައް ރެއިޑްކޮށް 50 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަނީ މިމަހުގެ ހަތަރު ވަނީ ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ 25 ދާއިރާއެއް ކަނޑަައަޅައި އިއުލާނު ކޮށްފައެވެ. އޭގެ ތެރޭގައި މިހާރު ވެސް ބިދޭސީން ހަރަކާތްތެރިވަމުން އަންނަ ދާއިރާތައް ހިމެނެއެވެ.

