މި ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ރ.އނގޫފާރުގައި ވަރަށް އަވަހަށް އެމްއާރްއައިގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.
އެސްޓީއޯ މެޑިކަލް ސަރވިސަސް އިން ބުނީ، އެތަނުގެ ބަޔޯމެޑިކަލް އިންޖިނިއަރުން އެމްއާރްއައި މެޝިން އިންސްޓޯލް ކުރުމުގެ މަސައްކަތް، މުޅިންހެން ނިންމައިލައިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ސަރަހައްދުގެ ރައްޔިތުންނަށް، އެމްއާރްއައިގެ ހިދުމަތް ލިބިގެންދާނެކަމް ވަނީ ފާހަގަކޮށްފައެވެ.
އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރްއައި ހިދުމަތް ގާއިމުކޮށް ޑޮކްޓަރުންނާއި ނަރުހުން އިތުރުކޮށް ހިދުމަތް ރަނގަޅުކޮށް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަކީ މި ސަރުކާރުގެ ވިސްނުމެއް ކަމަށް ރައީސް މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވެފައިވެއެވެ.
އުނގޫފާރަކީ ރާއްޖޭގެ އުތުރުން ދެވަނައަށް އެންމެ ގިނަ މީހުން ސިއްހީ ހިދުމަތް ހޯދުމަށްދާ ރަށެވެ. އުނގޫފާރުގެ ރައްޔިތުންނަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރޭގައި، އެ ރަށުގެ ބިން ހިއްކެން އޮތް އެންމެ ބޮޑަށް ހިއްކުން ހިމެނެއެވެ.

