މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް 80 އަށްވުރެ ގިނަ ހުށަހެޅުން ހުށަހަޅާފައިވާ ކަމަށް އެމްއެމްސީން ބުނެފިއެވެ.
ނޫސްވެރިންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހަމަވީ މިއަދެވެ. ނޫސްވެރިކަމުގެ އިނާމު 2023 އަށް، އާ ތިން ކެޓެގަރީއާއި އެކީ ޖުމްލަ 18 ކެޓެގަރީއަކަށް ކުރިމަތިލާން ވަނީ ހުޅުވާލާފައެވެ.
އެމްއެމްސީން ބުނީ، މިއަދު މުއްދަތު ހަމަވިއިރު، 18 ކެޓެގަރީއަކަށް 88 ހުށަހެޅުން ލިބިފައިވާ ކަމަށެވެ.
އެއީ ތަހުގީގީ ނޫސްވެރިކަމާއި، ޖުތިމާއީ ދާއިރާ އާއި، ސިޔާސީ ދާއިރާއާއި، ޝަރުއީ އަދި ޤާނޫނީ ދާއިރާ އާއި، ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާއާއި، ކުޅިވަރުގެ ދާއިރާ އާއި، ފޮޓޯ ޖާނަލިޒަމްގެ ދާއިރާ އާއި ވީޑިއޯ ޑޮކިއުމެންޓްރީ އާއި، ގްރެފިކްސް އާއި އިލެސްޓްރޭޝަންއާއި، ފީޗާ އާއި، ތާރީހާއި ސަގާފަތާއި، މުނިފޫހިފުލުވުމާއި ފަންނުވެރިކަމާއި، ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީއާއި، އޯޑިއޯ ޖާނަލިޒްމް އާއި، އަހަރުގެ އެންމެ މޮޅު ކަވަރޭޖްއާއި،އުއްމީދީ ނޫސްވެރިޔާ،އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ، އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުން ހިމެނެއެވެ.
އެމްއެމްސީން ބުނީ، މި ދާއިރާތަކުގެ ތެރެއިން އޯޑިއޯ ޖާނަލިޒަމް އާއި އަތޮޅު ތެރޭގެ އެންމެ މޮޅު އުފެއްދުން ފިޔަވައި ހުރިހާ ދާއިރާތަކަށް ހުށަހެޅުންތައް ލިބިފައިވާ ކަމަށެވެ.

