ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު މިދިޔަ ހަފްތާގައި އިތުރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުން އެނގޭ ގޮތުގައި ލޮލު  ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ މިދިޔަ ހަފްތާގައި ދަށަށް ގޮސްފައެވެ. މިދިޔަ ހަފްތާގައި ރިޕޯޓްކޯށްފައިވަނީ 337 ކޭސްއެވެ.
އޭގެ ކުރީ ހަފްތާގައި ރިޕޯޓްކޮށްފައިވަނީ 407 ކޭސްއެވެ.
މިނިސްޓްރީއިން ބުނީ ލޮލުރޯގާ ޖެހިގެން އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ލ. އަތޮޅާއި ފުވައްމުލަކުން ކަމަށެވެ.

އޭގެ އިތުރުން ފާނަބަސަންދު ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު މިދިޔަ ހަފްތާގައި ވަނީ އިތުވެފައިި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ ހަފްތާގައި އެ ބަލީގެ 107 ކޭސް ރިޕޯޓު ކުރި އިރު އޭގެ ކުރީ ހަފްތާގައި 94 މީހަކަށް ފާނަބަސަންދު ޖެހިގެން ރިޕޯޓުކުރިއެވެ.

ފާނަބަސަންދު ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ޅ. އަދި ސ. އަތޮޅުން ކަމަށް މިނިސްޓްރީން ބުނެއެވެ.