ލޭ ހަދިޔާކުރުމާއި ލޭ ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެ ހިދުމަތް ހޯދޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ”ލޭ އެޕް“ މިއަދު އިފްތިތާހު ކޮށްފިއެވެ.

އެޗްއާރުޑީއެންސީ އެލްއެލްޕީގެ ފަރާތުން ހެލްތު މިނިސްޓްރީއާ ގުޅިގެން ލޭ ހަދިޔާކުރުމާއި ލޭގެ ހިދުމަތްތައް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ތައާރަފު ކޮށްދެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއެވެ.

ހެލްތު މިނިސްޓްރީން ބުނީ ލޭ އެޕު ލޯންޗު ވެގެން ދިޔުމަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމުގައި ލޭ ހަދިޔާކުރުމާއި، ލެއާއި ގުޅުންހުރި ހިމަތްތައް ހަރުދަނާކޮށް ފޯރުކޮށްދިނުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި އެޕްލިކޭޝަންގެ ސަބަބުން، ލޭގެ ސަޕްލައި މެނޭޖްމަންޓް ކުރިއަށް ގެންދާ ގޮތް ބަދަލުކޮށް، ސިއްހީ ހިދުމަތްދޭ ތަންތަނުގެ ބޭނުންތަކަށް ލޭގެ ސަޕްލައި އެންމެ އެކަށީގެންވާ ފެންވަރެއްގައި ބެލެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.

މި އެޕްލިކޭޝަނާއެކު ޑޯނަރުން ރަޖިސްޓަރ ކުރުމާއި، އެޕޮއިންޓްމެންޓު ޝެޑިއުލްކޮށް، ލޭ ހަދިޔާކުރުމަށް ރިމައިންޑަރސް ލިބުމުގެ މަރުހަލާ ފަސޭހަވެ، ޑޯނަރުންގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އަދި ލޭގެ ސްޓޮކް މަދުވާ ހާލަތްތަކުގައި ލޭ އެޕުގައި ރަޖިސްޓަރކޮށްފައިވާ ޑޯނަރުންނަށް ވަގުތުން އެލާރޓް ފޮނުވާނެއެވެ.

ލޭ ބޭނުންވާ ކުއްލު ހާލަތްތަކުގައި ލޭ ބޭނުންވާ ފަރާތްތަކުން ކުރާ ރިކުއެސްޓުތައް، ލޭ ދެވޭނެ ޑޯނަރުންނާއި އަވަހަށް ރައްކާތެރިކަމާއެކު ފޯރުކޮށްދެވިގެންދާނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

ލޭ އެޕު މެދުވެރިކޮށް، ޑޯނަރުންނާއި ލޭ ބޭނުންވާ ފަރާތްތަކުގެ ރެކޯޑުތައް ބަލަހައްޓައި، ޑާޓާތައް ރައްކާތެރިކަމާއެކު މެނޭޖުކުރެވޭނެ ނިޒާމެއް ފޯރުކޮށްދޭނެއެވެ.

ލޭ އެޕުގައި ޑޯނަރެއްގެ ގޮތުގައި ރަޖިސްޓަރ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ލޭ އެޕުގެ ހިދުމަތްތައް އަންނަ މަހުގެ އެކެއްގައި ފަށަން ހަމަޖެހިފައިވާއިރު، ގޫގުލް ޕްލޭ ސްޓޯރ އަދި އެޕަލް އެޕް ސްޓޯރުން މި އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެއެވެ.