ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ވެރިކަން ލިބިވަޑައިގަތީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޮޓޯ ދައްކައިގެން ކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގޭގައި، ރޭ ބޭއްވި ޖަގަހަ ޖަލްސާގައި މިނިސްޓަރު ފައިސަލް ވަނީ، ރައީސް ޔާމީން ވެރިކަން ކުރެއްވީ ދިވެހިރާއްޖޭގައި މިއަދު ތިއްބެވި ހުރިހާ ސިޔާސީ ބޭފުޅުން ޖަލަށް ލައިގެން ކަމަށް ވިދާޅުވެފައެވެ.
އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްއެންޕީގެ ލީޑަރކާނަލް މުހައްމަދު ނާޒިމް އަދި ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ހިމެނޭ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.
ފައިސަލް ވިދާޅުވީ، އެކަމުގެ ނަތީޖާއެއް ގޮތުން ރައްޔިތުން ރައީސް ޔާމިނަށް ބޮޑު ތަނުން ނޫނެކޭ ބުނި ކަމަށެވެ.
ފައިސަލް އިތުރަށް ވިދާޅުވީ، ތައުލީމީ ޒުވާނުން ރާއްޖޭގައި ވަރަށް ގިނަ ކަމަށާއި، ގައުމުގެ އިގްތިސާދު ހަމައަކަށް އެޅުވޭނީ، ހަމައެކަނި ވަކި ސިޔާސީ ލީޑަރަކަށް ކަމުގައި ހީވުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ.
”ދިވެހިރާއްޖޭގައި މިހާރު ވަރަށް ތައުލީމީ ޒުވާނުން، ވަރަށް ހިންގުންތެރި، ވަރަށް ކްރިއޭޓިވް، ވަރަށް އިނޮވޭޓިވް ވިސްނުންތައް ހުރި ޒުވާނުން އެބަތިބި. އެހެން ހުއްޓާ، ފިނި ކޮޓަރިއެއްގައި އިންނަވައިގެން ތިމާ ނޫން މީހަކަށް ދިވެހިރާއްޖޭގެ އިގްތިސާދު ނޭނގޭ ކަމަށް ދައުވާ ކުރުމަކީ މިއަދު މީހުން މަލާމާތްކޮށް ޖޯކު ޖަހާނެ ކަމެއް.“ ފައިސަލް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސް މުއިއްޒު އަކީ އިލްމީ ގޮތުން ބެލިޔަސް، ވަރަށް ގާބިލު ބޭފުޅެއް ކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިފަހައްޓައިގެން، ދިވެހީން އެދޭ ފަދަ ރާއްޖެއެއް އެމަނިކުފާނަށް ހޯދައިދެވޭނެ ކަމަށެވެ.
ފައިސަލް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު އަކީ ރައްޔިތުންގެ އިތުބާރު ލިބިވަޑައިގެންފައިވާ ވެރިއެއް ކަމަށާއި، އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ، ރައްޔިތުން ދިނީ އެހެންވެ ކަމަށެވެ.

