ސައިން ލޭންގުއޭޖް ދަސްކޮށްދިނުމުގެ ކޯސްތަކެއް ހިންގުމަށް ޖެންޑަރ މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން ބުނީ ބޭސިކް ސައިން ލޭންގުއޭޖް ކޯހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އިޝާރާތުން މުއާމަލާތުކުރުމަށް ފަރުމާ ކުރެވިފައިވާ ކޯހެއް ކަމަށާއި، ކޯސް ކުރިއަށް ގެންދަން ނިންމާފައިވަނީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްގެ އިސްނެންގެވުމުގެ މަތިން ކަމުގައެވެ.
ކޯހުގެ މަގްސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގެ އެކި ކަންކަމުގައި ދިމާވާ ގޮންޖެހުންތައް މަދުކޮށް އެހެން މީހުންނެކޭ އެއްފަދައިން މުޖުތަމައުގެ އެކި ކަންކަމުގައި ބައިވެރިވެ އުޅުމުގެ ފުރުސަތު އެފަރާތްތަކަށް ވެސް މަގުފަހި ކުރުމެވެ.
އޭގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ހާއްސަ އެހީތެރިކަމާއި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެކި ދާއިރާތަކުގެ ހުނަރުތައް އުނގަންނައިދިނުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
ޖެންޑަރ އިންބުނީ ފުރަތަމަ މަރުހަލާގައި ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުގައި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތް ދޭ މުވައްޒަފުންނަށް ކޯސް ކުރިއަށް ގެންދިއުމުގައި އިސްކަން ދެވޭނެ ކަމަށެވެ.
މިއީ ސެލްފް-ޕޭސްޑްކޮށް ދެވިފައިވާ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް ފަރުމާ ކުރެވިފައިވާ ކޯހެއްކަން އެ މިނިސްޓްރީން ފާހަގަކުރިއެވެ.

