އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު، ކުށްވެރި ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ކުށްވެރި ކުރައްވާކަން ހާމަކުރައްވާފައިވަނީ މިއަދު މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރީގެ ރައީސް ޓްރަމްޕާއި އެމަނިކުފާނުގެ އާއިލާގެ އިތުރުން ހަމަލާގައި ޒަޚަމްވި އެހެން ފަރާތްތަކަށްވެސް ހަމްދަރުދީ އާއި ހެޔޮއެދުންތައް ފޮނުއްވައިފައެވެ.

ޓްރަމްޕް މަރާލުމަށް، ހޮނިހިރު ދުވަހު މި ހަމަލާ ދީފައި ވަނީ، ޕެންސިލްވޭނިއާގެ ބަޓްލަރގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގެ ތެރެއިންނެވެ.

މި ހަމަލާ ދިން މީހާ މަރާލާފައިވާއިރު، ރެލީއަށް ހާޒިރުވި އިތުރު މީހަކު ވެސް މަރުވި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޓްރަމްޕްގެ ކަނާތު ކަންފަތް ކައިރިއަށް ހަމަލާ އަމާޒުވިއިރު، އޭނާ ހުރީ ސްޓޭޖް މަތީގައެވެ. ހަމަލާ ދިނުމުން، ސީކްރެޓް ސަރވިސް އިން ވަނީ، ޓްރަމްޕް އަވަހަށް ރައްކާތެރި ހިސާބަކަށް ގެންގޮސްފައެވެ. ހަމަލާއަށް ފަހުގައި ޓްރަމްޕްގެ ހާލު ރަނގަޅެވެ.

އެމެރިކާގެ ރައީީސް ޖޯ ބައިޑެން ވަނީ ހަމަލާ ކުށްވެރިކޮށް، މިފަދަ ކަންކަމަށް އެމެރިކާގައި ޖާގައެއް ނެތް ކަމަށް ބުނެފައެވެ.

އަދި ޓްރަމްޕްގެ ހާލު ރަނގަޅުވުމަކީ އުފާ ކުރާ ކަމެއް ކަމުގައިވެސް ބައިޑެން ފާހަގަކުރިއެވެ.