ކުރީ ސަރުކާރުން ހިންގަން އުޅުނު މަޝްރޫއުތަކުގެ ފައިސާ ވަނީ ކޮންބައެއްގެ ޖީބަށްތޯ ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި މުސްތަފާ ވިދާޅުވީ މިދިޔަ ފަސް އަހަރުގެ އެމްޑީޕީ ސަރުކާރުގައި އެތައް މަޝްރޫއުއެއް އިއުލާނުކޮށް، އެތައް ބަޔަކާ ހަވާލުކުރިއިރު، މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށާއި، އެކަންކަން ކުރީ، އެ ސަރުކާރުގެ ”އައުވާނުންގެ“ ޖީބުތައް ބޮޑު ކުރުމަށް ކަމަށެވެ.

މިކަންކަން، މި ސަރުކާރުން ބެލުމަށް އޭނާ ގޮވާލެއްވިއެވެ.

ގައުމުގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުސްތަފާ ވަނީ، ގައުމުގެ ހާލުގެ ދުލުން މިއަދު ކުރަމުންދާ އާދޭސް އަޑު ނާހައިފިނަމަ، އެހެން ބައެއްގެ އަޅުވެތިކަމަށް ރާއްޖެ ދިޔުމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ސަރުކާރުން ދޭ ސަބްސިޑީތައް ކުޑަކޮށް، ވަޒީފާތައް މަދުކޮށް، ބައެއް މީހުންގެ މުސާރަ ވެސް ކުޑަ ކުރަން ޖެހޭ ކަމަށް މުސްތަފާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެކަންކަން ނުކޮށްފިނަމަ، ގައުމު ނެތިގެން ދިޔުމުގެ ބިރު އެބައޮތް ކަމަށެވެ.

މުސްތަފާ ވިދާޅުވީ، ބަޔަކު ގައުމުގެ ”ބެކްބޯން“ ނުވަތަ މައިކަށި ފުނޑާލަފައިވާއިރު، ގައުމަށް ކޮޅަށް ނުހުރެވޭނެ ކަމަށެވެ. މި ހާލަތުގައި، ގައުމު ރައްޔިތުންނަށް ކަމެއް ކޮށްދޭނީ ކިހިނެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ.

އަދުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު އަކީ ސިޔާސީ ބޭފުޅަކަށްވުރެ ބޮޑަށް، ގައުމު ދެކެ ލޯބިވެވަޑައިގަންނަވާ ލީޑަރެއްކަން ފާހަގަކުރައްވައި މުސްތަފާ ވިދާޅުވީ، ސަރުކާރުން ހަރަދުތައް ކުޑަ ކުރަން މަސައްކަތްތަކެއް ކުރަމުންދާއިރު، ބައެއް ވަޒީފާތައް ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއަދު ގައުމު ވެއްޓިފައިވާ ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ މި ސަރުކާރުން ކަމުގައި ނުވިޔަސް، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށެވެ.

”ކުޑަ ކުޑަ ވަގުތުކޮޅެއް ސަރުކާރަށް ވެސް އަޅުގަނޑުމެން ދޭން ޖެހޭނެ. ރަނގަޅު ކުރަން ކުޑަ ކުޑަ ފުރުސަތެއް އަޅުގަނޑުމެން ދޭން ޖެހޭނެ.“ އޭނާ ވިދާޅުވިއެވެ.

ކޮންގްރެސް ޕާޓީން ރޭ ބޭއްވި ހަރުގެ ޖަލްސާގެ ތެރެއިން

މުސްތަފާގެ ވާހަކައިގައި ސަރުކާރަށް އަދި އަހަރެއް ވެސް ނުވާ ކަމަށާއި، މިހާ އަވަހަށް މަގުމައްޗަށް ނުކުމެ، ސަރުކާރަށް ކަމެއް ނުވާ ކަމަށް ބުނެ ހަޅޭލަވަން ނުޖެހޭ ކަމަށް ވިދާޅުވިއެވެ.

ސަރުކާރަށް ނިސްބަތްކޮށް ދައްކާ އެކި ވާހަކަތައް ހަގީގަތް ބެލުމެއް ނެތި، ގަބޫލު ކުރުމަކީ ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.