އޯޒެން ރިޒާވް ބޮލިފުށި ރިސޯޓްގެ ވެރިޔާ ހުސައިން ޝަރީފް ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން، އޭނާގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުސެއިން ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ތަޖުރިބާކާރު ގައުމީ ހިދުމަތްތެރިއެއް ކަމަށެވެ.
އަދި މިސްކިތް ބިނާ ކުރެއްވުމާއި ނިކަމެތީންނަށާއި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުން ފަދަ ކަންކަމުގައި އިހްސާންތެރި ބޭފުޅެއް ކަމަށް ވެސް ރައީީސް ވިދާޅުވިއެވެ.
ހުސެއިން ޝަރީފް 64 އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެ އާއިލާއަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާ ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހުސެއިން ޝަރީފަކީ 1994 ގައި އުފައްދާފައިވާ ގޭޓްވޭ މޯލްޑިވްސް ކުންފުނީގެ މައި ހިއްސާދާރެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

