ކުރީ ސަރުކާރުން އަޅަން އުޅުނު ހޮސްޕިޓަލްތައް އެއަށްވުރެ އަގުހެޔޮކޮށް މިސަރުކާރުން އެންމެ ފުރިހަމަ ހިދުމަތާއެކު ތަރައްގީ ކުރާނެ ކަމަށް ހެލްތު މިނިސްޓަރު ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ ނިމިދިޔަ ދައުރުގައި ނުބައްދަލު އަގުތަކުގައި މަޝްރޫއުތައް އިއުލާނުކޮށް ހަވާލުކޮށްފައިވާކަމަށެވެ.
އެގޮތުން ސިއްހީ ދާއިރާއިން އެކަނިވެސް 57 މަޝްރޫއު ހަވާލު ކުރިއިރު، 34 މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައިވާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އޭރު އިއުލާނު ކޮށްފައިވާ ހޮސްޕިޓަލްތައް އެއަށްވުރެ ހެޔޮ އަގުގައި، ހިދުމަތަށް އެއްވެސް އުނިކަމެއް ނާންނާނެހެން ޑިޒައިނަށް ގެނައި ބަދަލާއެކު މިސަރުކާރުން ތަރައްގީ ކުރާނެ ކަމަށެވެ.
ނިމިދިޔަ ދައުރުގައި ރާއްޖޭގެ 7 ސަރަޙައްދެއްގައި ކުވެއިތު ފަންޑުން ހޮސްޕިޓަލް އެޅުމަށްވަނީ ހަވާލުކޮށްފައިވެއެވެ.
އެހެންނަމަވެސް އިދާރީ އެކި މައްސަލަތަކުގެ ސަބަބުން އެހޮސްޕިޓަލްތައް އެޅުމަށް ލިބުނު ފަންޑު އަނބުރާ ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންނަމަވެސް ސަރުކާރުން ކުރި މަސައްކަތުން މިފަންޑުން ބައެއް ރިކަވަރ ވެފައިވާކަމަށް ވިދާޅުވިއެވެ.

