ކޮމިޓީއަށް ޖަވާބުދާރީވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމަށް ފަހު ފުރުސަތު ދެއްވުމަށް މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
ހާޝިމް މަގާމުން ވަކިކުރަން މަސައްކަތް ފެށުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވާން ގަވަރުނަރަށް އަންގަވާފައިވަނިކޮށް، މިއަދު ވެސް ކޮމިޓީއަށް ހާޒިރު ވެވަޑައިނުގަންނަވައެވެ.
އޭނާ ކޮމިޓީއަށް ހާޒިރު ކުރުމަށް އެޖެންޑާ ކުރީ، ގައުމުގެ މާލީ ހާލަތާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށެވެ.
އެގޮތުން މިދިޔަ ހަފުތާގެ ހޯމަ ދުވަހުވެސް ގަވަރުނަރު ހާޒިރުކުރަން ކޮމިޓީގައި އެޖެންޑާކުރިއިރު، އެ ކޮމިޓީ ވަނީ ކެންސަލްވެފައެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ކޮމިޓީގައި ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވާތީ މިއަދު ވެސް ގަވަރުނަރު ހާޒިރުވެވަޑައިގެންފައި ނުވާ ކަމަށެވެ.
އަދި މާދަމާ އޮންނަ ބައްދަލުވުމުގައި ލިޔުމުން ފޮނުއްވާ ޖަވާބަށް ބަލައި ވަކި ގޮތެއް އެމައްސަލައިގައި ނިންމަވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ މާދަމާ ގަވަރުނަރު ވަޑައިނުގެންނެވިޔަސް، އެމަނިކުފާނު ފޮނުވާފައިވާ ސިޓީއަށް ބަލައި ގޮތެއް ނިންމުމަށް ކޮމިޓީން ވަނީ ނިންމާފައި ކަމަށެވެ.
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަކި ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.
އެގޮތަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ސަރުކާރުން މިހާރު ފައިސާ ހޯދަމުން ދަނީ ޑޮމެސްޓިކް މާކެޓުން ކަމަށް ވާއިރު، އެ މާކެޓް ރަނގަޅަށް ރެގިއުލޭޓް ކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ ވަގުތެއްގައި އެކަން ގަވަރުނަރުގެ ހައިސިއްޔަތުން ނުކުރައްވާތީ ކަމަށް ކޮމިޓީންވަނީ ފާހަގަކުރައްވާފައެވެ.

