ކީރިތި ޤުރުއާނާ ބެހޭ ހާއްސަ، ދާއިމީ މައުރަޒެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ، ޤުރުއާނާ ބެހޭ ކަންކަމަށް ދާއިމީ ހިޔާވައްސެއް ހުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މެނިފެސްޓޯގައިވާ ގޮތަށް ޤުރުއާނާ ބެހޭ މަރުކަޒުގެ އައު އިމާރާތެއް ގާއިމު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ތައްޔާރު ކުރެވޭ، ޤުރުއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

 

މިރޭ ވަރަށް އުފާވެރި އެހެން ވާހަކައެއްވެސް ދަންނަވާލާނަން. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ތައްޔާރު ކުރެވޭ ކީރިތި ޤުރުއާނާ ބެހޭ ހާއްސަ، ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމު ކުރުމަށް އަޅުގަނޑު ގަސްތު ކުރާ ވާހަކަ.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވަނީ މިކަން ހަގީގަތަކަށް ހަދައިދެއްވާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ.

އެމަނިކުފާނުގެ ސަރުކާރުން، ކީރިތި ޤުރުއާނަށް ބޮޑު އިސްކަމެއް ދެއްވާ ސަބަބާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ހުރި، ހުރިހާ އަހްލާގީ މައްސަލަތަކުގެ ހައްލަކީ ކީރިތި ޤުރުއާން ކަމަށެވެ.

”އަޅުގަނޑުމެން ޖެހޭނީ، އެ ފޮތަށް އެނބުރި ދާން. އެ ފޮތުގައިވާ އިލާހީ އިރުޝާދުތަކަށް ހުރިހާ މާނައެއްގައި، ހުރިހާ ގޮތެއްގައި، އަޅުގަނޑުމެންގެ ބަހާއި، އަމަލު ސީދާ ވާން.“ ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ އަޅުގަނޑުމެންގެ ތެރެއިން، ކޮންމެ މީހެއްގެ ވެސް ދުވަހީ ދިރިއުޅުން ތަމްސީލުވެގެންވާ ތަރަހަ އަކީ މަތިވެރިވެގެންވާ ކިރިތި ޤުރުއާން ކަމުގައި ހަދަން ޖެހޭ ކަމަށާއި، އެއީ ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތް ކަމަށެވެ.